ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ރައީސް މުއިއްޒު ހައްދަވާ އެންމެ ބޮޑު ގޯސް: އިމްރާން

އަވަސް

28 އޯގަސްޓު 2025 | ބުރާސްފަތި | 10:34

ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާ އެންމެ ބޮޑު ގޯސް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ މުއިއްޒު ކުރައްވާ ކަންކަން ރަނގަޅު ކުރުމަށް އެތައް އަހަރު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. "ދައުލަތް ހިންގުމުގެ ނިޒާމުގައި ރައީސް މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަންޖެހޭނެ،" އިމްރާން ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރަށްގީ އެތައް އަހަރަކަށް މަޑުޖެހޭނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން ވަނީ މީގެ ކުރިންވެސް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ރައީސް މުއިއްޒުގެ ވެރިކަމުގައި ގައުމަށް ލިބެނީ ގެއްލުން ކަމަށާއި މިކަމުން މިންޖުވާންޖެހޭ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށާއި މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ ކަމަށް އިމްރާން މިއަހަރުގެ އެޕްރީލް މަހު ވިދާޅުވި އެވެ.

މައުޟޫޢުތަށް