ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްޓީޑީ

އަވަސް

28 އޯގަސްޓު 2025 | ބުރާސްފަތި | 11:03

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޓީޑީ އުވާލަން ނިންމާ އެކަން އީސީ އިން އިއުލާނުކުރީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެމްޓީޑީ އިން ދައްކަންޖެހޭ ދަރަންޏެއްވާނަމަ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށްވެސް އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ. އީސީގެ ނިންމުން ކުށްވެރިކޮށް އެމްޓީޑީ އިން ބުނީ މިއީ ޕާޓީއަށް ގާނޫނުއަސާސީން ލިބޭ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. "މިއީ ކަނޑައެޅިގެން މި ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި މި ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް، ޑިއު ޕްރޮސެސްގެ ފުރުސަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް،" އެމްޓީޑީ އިން ބުނެފައިވެ އެވެ. މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި، ބައިވެރިވުމުގެ އަސާސީ ހައްގަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި އެމްޓީޑީ އިން ވަނީ ސިފަކޮށްފަ އެވެ. އެމްޓީޑީ އިން ބުނީ އީސީ އިން ގާނޫނާ ހިލާފަށް ބޭއިންސާފުން ނިންމާފައިވާ ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި މަސައްކަތް ޕާޓީން ކުރާނެ ކަމަށެވެ. އަދި މިކަމުގައި ޑިމޮކްރެޓިކް މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިން ޕާޓީ އާއި ޕާޓީގެ މެންބަރުންނާއެކު ތިބުމަށް ވަނީ ގޮވާލާފަ އެވެ. އެމްޓީޑީ އިން އިތުރަށް ބުނީ އެ ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

މައުޟޫޢުތަށް