ފަލާހުގެ މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަނީ

އަވަސް

29 އޯގަސްޓު 2025 | ހުކުރު | 5:00

ނޫސްވެރިން "އުލުބައިދަންވީ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވާފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރެއް މީގެ ކުރިން ގެނެސްދިން ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ. "މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ. ފަލާހުގެ މިވާހަކަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ފުލުހުން މިރޭ ބުނީ އެ މައްސަލަ ތަހުގީގު ކުރުމާ ގުޅޭގޮތުން ލަފައަކަށް އެދި އިއްޔެގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ފަލާހު ދެއްކެވި ވާހަކައަށް މައާފަށް އެދުމަށް އާންމުންނާއި ނޫސްވެރިންވެސް ގެންދަނީ ގޮވާލަމުންނެވެ. އެކަމަކު ފަލާހް ދެއްކެވި ވާހަކައަށް އޭނާ އަދި މައާފަށް އެދިފައެއް ނުވެ އެވެ.

މައުޟޫޢުތަށް