ފަތުރުވެރިކަން މިހާ ހިސާބަށް ގެނައުމުގައި އެމްޔޫ މަނިކްގެ ދައުރު ބޮޑު: ރައީސް
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 8:53
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާއްސަ މަންޒިލަކަށް ހެއްދެވުމުގައި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ދައުރު ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޔޫ މަނިކު އަވަހާރަވި ޚަބަރު އެހީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިޔުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. "ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާޢްސަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު،" ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެމްޔޫ މަނިކް އަވަހާރަވީ އުމުރުން 78 އަހަރުގައި ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އެމްޔޫ މަނިކްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.