މީހަކު މަރަން ބުނެފަ ނުވާނެ: ފަލާހު
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 9:41
މީހަކު މަރަން ބުނެފަ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިން "އުލުބައިދަންވީ" ކަމަށް ވިދާޅުވެ ފަލާހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި ވާތީ އެ މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ފުލުހުން ބުނި ޚަބަރު ޓްވީޓްކޮށް ފަލާހު ވިދާޅުވީ މީހަކު މަރަން ބުނެފަ ނުވާނެ ކަމަށެވެ. "އަޅުގަނޑު ނޯންނާނެ މީހަކުމަރަން ބުނެފައެއް،" ފަލާހު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރެއް މީގެ ކުރިން ގެނެސްދިން ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ. "މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެކެވެ. ނަމަވެސް ފަލާހު ވިދާޅުވީ "އުލުބޭންދުން" އޭނާ ނިސްބަތްވާ ހިސާބުގައި މާނަކުރަނީ އެހެން ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ. "އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް،" ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ މި މައްސަލައިގައި އޭނާ ޖަލަށް ލައިފިނަމަ ޖަލުގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ކަމަށެވެ. އަދި އެންމެ ގިނަ ވާނީ ނޫސްވެރިން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ. "ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައުމުގަ ނޫޅޭނެ. އަދި އިސްލާމްދީން ނޫން ދީންތައް މިގައުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަބައެއްވެސް ނޫޅޭނެ،" ފަލާހު ވިދާޅުވި އެވެ. ނޫސްވެރިން "އުލުބައިދަންވީ" ކަމަށް ވިދާޅުވެ ފަލާހު ދެއްކެވި ވާހަކަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ފުލުހުން ރޭ ބުނީ އެ މައްސަލަ ތަހުގީގު ކުރުމާ ގުޅޭގޮތުން ލަފައަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.