އެމްޔޫ މަނިކުގެ މައްޗައް ޣައިބަށް ކަށުނަމާދު ކުރަނީ
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 12:01
ރާއްޖޭގައި ޓޫރިޒަމް އުފައްދައި ކުރި އަރުވައި ދެއްވި އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިއަދު ޢަސްރު ނަމާދުފަހުގައި ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމްޔޫ މަނިކް އަވަހާރަވީ އުމުރުން 78 އަހަރުގައި ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އެމްޔޫ މަނިކްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ. އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި ޓޫރިސްޓްގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެމްޔޫ މަނިކު އުޅުއްވި އެވެ. ރާއްޖޭގެ ޓޫރިޒަމަށް އެމްޔޫ މަނިކު ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ ދިވެހި ދައުލަތުގެ އިއްޒަތް އަރުވާފަ އެވެ.