އިންޖިނޭރުންގެ ގައުމީ އެވޯޑެއް ދޭން ނިންމައިފި
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 2:15
އިންޖިނޭރުން ގައުމަށްކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވި ހިތާބުގަ އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް މުއިއްޒު ހަމަޖެއްސެވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބްރިޖު ހުޅުވުނު ތާރީހާ ދިމާކޮށެވެ. ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކަނޑު ހުރަސްކޮށް ބިނާކުރި ބުރިޖުގެ ސަބަބުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ބޮޑު އާބާދީ އެއްފަސްވެ ރާއްޖޭގެ މައި އެއާޕޯޓާވެސް އެއްގަމުން ގުޅައިލެވިފައިވާ ކަމަށެވެ. "މި ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދިވެހީންގެ ދިރިއުޅުމަށާއި، އިގުތިސާދަށް އަދި އިޖްތިމާއީ ހުރިހާ ހިދުމަތަކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް މި ބުރިޖުން ވަނީ ގެނެސްދީފަ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ. އުމްރާނީ ތަރައްގީގެ އިތުރުން ސިނާއީ އެކި މަސައްކަތްތަކާއި އިޖްތިމާއީ ހިދުމަތްތަކާއި، ދަތުރުފަތުރާއި، ހަކަތައާއި ސައިންސާއި، ޓެކްނޮލޮޖީގެ އެކި ދާއިރާތަކުގައިވެސް ތަފާތު ފަންނުގެ އިންޖިނޭރުން ގައުމަށް ހިދުމަތް ކުރައްވާކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމުގައި، އަދި ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ މަސައްކަތުގައި، އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 ޕަސެންޓަށް އިތުރުކުރުމަށް ހިންގާ މަޝްރޫއު ފަދަ ހުރިހާ ކަމެއްގައިވެސް އިންޖިނޭރުންގެ އިލްމާއި ތަޖުރިބާ އަދި އެހީތެރިކަން ބޭނުންވާ ކަމަށެވެ.