ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި

އަވަސް

30 އޯގަސްޓު 2025 | ހޮނިހިރު | 3:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ. ރައީސް މުއިއްޒުގެ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ޗައިނާގެ މިނިސްޓާ އޮފް އެމަޖެންސީ މެނޭޖްމަންޓް ވާންގް ޒިޔާންގްޒީ އެވެ. އަދި އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝަންގްހުވާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ރައީސްއަށް މަރުހަބާ ދެންނެވުމަށް ބެއިންޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުގައި އޮނަގާޑެއް ވެސް ވަނީ އަރުވާފަ އެވެ. އަދި ސަގާފީ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ވަކީން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާ ހުރެ އިގްތިސާދުތައް ރޫޅިގެންދާ ދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވެ އެވެ. އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން އެ ސަރަހައްދުގެ 6 ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާ އެކެވެ. ދެހާސް އެއްވަނަ އަހަރު މިޖަމިއްޔާ އުފައްދާފައިވަނީ ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާ ކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެ އެވެ. ދިވެހިރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

މައުޟޫޢުތަށް