މޯހަންގެ އުއްމީދަކީ ލަންކާގެ މައްޗަށް ކުރި ހޯދުން
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 4:56
ގައުމީ ޓީމުގެ އާ ހެޑްކޯޗު، މުހައްމަދު ޝިޔާޒް- މޯހަންގެ މި ވަގުތުގެ އުއްމީދަކީ، އަންނަ މަހު ލަންކާގައި ކުޅޭ ދެ މެޗުން ލަންކާގެ މައްޗަށް ކުރި ހޯދުން ކަމަށް އޭނާ ބުނެފިއެވެ.
މޯހަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުންވަނީ ހުކުރު ދުވަހު މެންދުރު ފަހު ޕްރެކްޓިސް ފަށައިފައެވެ. މޯހަންއަށް އެންމެ ފުރަތަމަ އޮތް ދެ މެޗަކީ އަންނަ މަހު ލަންކާގައި ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އަންނަ މަހުގެ ހަވަނަ ދުވަހު ކުޅޭއިރު ދެވަނަ މެޗު އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. މި ދެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ، ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެން ގޮސް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް ލަންކާގެ މެޗުން މޮޅު ވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ރާއްޖޭން އެންމެ ފަހުން ލަންކާގައި، އެ ގައުމާ ދެކޮޅަށް މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. ދިވެހި ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ މޯހަންވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ހޯދި ދިވެހި ޓީމުގައި މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން، މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއުއާ ހަވާލުވެ ހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އީގަލްސް ގޮވައިގެން ލީގަށް ވާދަކޮށް އެ ޓީމު އޭއެފްސީ ކަޕަށް ކޮލިފައި ކޮށްދިނެވެ. މީގެ އިތުރުން ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ. މޯހަންވަނީ ކުރިން މާޒިޔާއަށްވެސް ކޯޗު ކޮށްދީފައެވެ. އެންމެ ފަހުން މޯހަން ހުރީ އީގަލްސްގައެވެ. މޯހަންއަކީ ޔުއެފާ ޕްރޮ ލައިސެންސް ކޯޗެކެވެ.