ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް އެކުލަވާލައިފި
އަވަސް
31 އޯގަސްޓު 2025 | އާދިއްތަ | 9:16
ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައިފި އެވެ.
މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުން ހިމެނެ އެވެ.
އުސޫލުގެ ދަށުން އެކްރެޑިޓްކުރާ މީހުންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މި ދެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ. އެކްރެޑިޓްކުރަން ހުށަހަޅާ މީހާއަކީ ފާއިތުވި ފަސް އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވާންޖެހެ އެވެ. އަދި އުސޫލުގައި ބަޔާންކުރާ ތަމްރީން ފުރިހަމަކުރަޖެހެ އެވެ. އުސޫލުގައިވާ ގޮތުން އެކްރެޑިޓް ކާޑު ދޫކުރާނީ ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމަށްފަހު އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް އަދި ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ހިމެނެ އެވެ. މީގެ އިތުރުން ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތާއި މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރު ކުރުމުގެ ގައިޑްލައިން އަދި އިންތިހާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުުގެ ގައިޑްލައިން ހިމެނެ އެވެ. މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އުސޫލު ޝާއިއުކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.