ބްރޯޑްކޮމާއި އެމްއެމްސީއަށްވެސް މީޑިއާ ބިލް ކަމަކު ނުދިޔަ
އަވަސް
31 އޯގަސްޓު 2025 | އާދިއްތަ | 5:55
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި މިނިވަން ނޫސްވެރިކަމެއް ކުރަން ދަތިވާ އެތައް ކަމެއް އެބަހުރި ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބިލް އޮތް ގޮތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެމްސީއާއި ބްރޯޑްކޮމްގެ މެންބަރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރީ ބިލް ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުވެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ ކޮމިޓީގައި އޮތް ބިލް ޑްރާފްޓްކޮށްފައިވަނީ ބްރޯޑްކޮމްގެ ލަފައެއް އެއްވެސް ވަރަކަށް ހޯދާފައި ނޫން ކަމަށާއި މި ބިލާ ގުޅިގެން ބްރޯޑްކޮމް އިން ފޮނުވި ތިން ސިޓީއަށްވެސް ކަމާ ގުޅޭ ފަރާތްތަކުން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އެކި ބާވަތުގެ މީޑިއާތައް ހުންނަކަން ފާހަގަކުރައްވާ ސަފާ ވިދާޅުވީ ބިލް އެކުލަވާލާފައިވަނީ ހުރިހާ ބާވަތެއްގެ މީޑިއާގެ މައްޗަށްވެސް ހިނގާ ގޮތަށް ކަމަށްވާތީ އެއީ ދިރާސާކޮށްލަންޖެހޭ މައްސަލައެއް ކަމަށް ކޮމިޝަނުން ދެކޭ ކަމަށެވެ. އެހެންވެ ބިލް މިހާރު އޮތް ގޮތުން އެ ބިލް ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. "ރާއްޖެއަށް ރަނގަޅީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނޫނީ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ބެލުމަށް ފުރަތަަމަ ދިރާސާއެއް ކުރަންޖެހޭ. އެކަން ނުކުރެވި ގާނޫނެއް އެކުލަވާލި ނަމަވެސް ނަތީޖާ ފެނިދާނެ ކަމަކަށް ނުފެނޭ،" ސަފާ ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފު ވިދާޅުވީ ބިލް ޑްރާފްޓްކޮށްފައި އޮތީ މީޑިއާ ރެގިއުލޭޓް ކުުރުމުގެ މަގުސަދަށްވުރެ ބޮޑަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށެވެ. މީޑިއާއާ ގުޅޭ މުހިއްމު ބިލެއް މަޖިލީހަށް ހުށަހެޅިއިރު މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައި ނުވާތީ ސަގީފު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސަގީފް ވިދާޅުވީ ބިލް އޮތީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ގެއްލިގެންދާ ގޮތަށް ކަމަށާއި ބިލް އޮތީ މީޑިއާގެ ހައްގުތަކާއި ބްރޮޑްކާސްޓިންއާ ގުޅޭ ކަންކަން މަސްހުނިވާ ގޮތަށް ކަމަށެވެ. އެހެންވެ ސަގީފު އެދިވަޑައިގަތީ ބަންޑާރަނައިބް އޮފީހާއި ކަމާ ގުޅޭ ހުރިހާ ފަރާތްތައް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ. "އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާރު ކޮމިޓީގައި މިއޮތް ބިލް އިސްލާހު ކުރެވޭނެ ކަމަކަށް. އެހެންވެ ރަނގަޅު ގޮތަކީ މި ބިލު އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުން،" ސަގީފު ވިދާޅުވި އެވެ. މަޖިލީހުގައި އޮތް މިހާރު އޮތް މީޑިއާ ބިލް ބޭރުކޮށްލުމަށް ރާއްޖެއާއި ބޭރުގެ ޖުމްލަ 21 ޖަމިއްޔާ އަކުންވެސް ވަނީ ގޮވާލާފަ އެވެ.