ފަތުރުވެރިންގެ 66 ޕަސެންޓް ގަދަ 10 ގައުމުން
އަވަސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 8:50
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 66 ޕަސެންޓް ޒިޔާރަތްކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 1،482،668 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މީގެ ތެރެއިން 983،460 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 9.4 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1،355،395 ފަތުރުވެރިންނެވެ. ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،249 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 898 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.