ޗައިނާ ދަތުރުގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ކުރާނެ: މޫސާ ޒަމީރު
އަވަސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 9:46
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ބައްދަލުކުރައްވައި، 2024-2028 އަށް ރާއްޖެއާއި ޗައިނާގެ މެދުގައި ގާއިމުކުރެވޭ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދެވޭ ގުޅުންތަކުގެ މަސައްކަތްތައް ހަލުއިކުރުމާއި، އާންމު މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.