ރާއްޖެ ހަމަމަގަށް އެޅުވުމަށް އެމްޑީޕީ ނިކުންނާނެ: ޝާހިދު

އަވަސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:45

ރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެމްޑީޕީ ނިކުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޝާހިދު ވަނީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ވަކި ކުލަޔަކަށް ބެލުމެއް ނެތި އެންމެން ނިކުތުމަށް ގޮވާލައްވާފަ އެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އުއްމީދާއި، ދައުލަތުގެ ހަޒާނާއާއި މުޅި ދައުލަތް ލޫޓުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ހޮވި ރައްޔިތުންގެ މަންދޫބުންގެ އަޑުވެސް ސަރުކާރުން ފޭރިގެންފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާއެކު ސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާގެ މިނިވަންކަން ލޫޓޫވާލަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީ އިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިލްސިލާ މުޒާހަރާތަކެއް ފަށަން ފާސްކޮށްފަ އެވެ. އެ ގޮތުން "ލޫޓުވާލައިފި" މި ނަމުގައި އޮކްޓޫބަރު ތިން ވަނަ ދުވަހު ހަރަކާތެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

މައުޟޫޢުތަށް