ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި
އަވަސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 10:07
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ އެ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މި އަހަރުގެ ބަޖެޓުގެ އާމްދަނީ އިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓެވެ. އީސީ އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަށް އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.