ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމަށް ރައީސް ގޮވާލައްވައިފި

އަވަސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 11:00

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސްގެ ވާހަކަފުޅުގައި، މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އދ ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރު ކަމަށާއި 1965ގައި ރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ވިދާޅުވެ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފަ އެވެ. ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބެ، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި، އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި ހިލާފުކަމެއްކަން ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް