ބޮޑުތަކުރުފާނު މަގުގެ 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި
އަވަސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 11:40
މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގައި މިހާތަނަށް 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމު ތޮށި ނަގައި، އާ އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ އެޕްރީލް މަހު އެވެ. މިމަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގު ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ތާރު އަޅާ ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ޑްރެއިނޭޖު ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުންވެސް ހިމެނެ އެވެ. އެމްޓީސީސީއާ މިމަޝްރޫއު ހަވާލިކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.