ރައީސް މުއިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔަކާ ބައްދަލުކުރައްވައިފި
އަވަސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 5:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއް ކަމުގައިވާ ހިޒް އެކްސެލެންސީ ލީ ޝީ އާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ލީ ޝީ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަމްސީލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން މި ބައްދަލުވުމަކީ އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. މި ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކުން ގުޅުންބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ލީ ޝީ ދެއްކެވި ވާހަކައިގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭ ކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.