ދައުލަތުގެ އާމްދަނީ 25 ބިލިއަނަށް، މިއީ ފަސް ޕަސެންޓް އިތުރުވުމެއް
އަވަސް
3 ސެޕްޓެމްބަރު 2025 | ބުދަ | 9:51
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 25 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 25.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 24 ބިލިއަން ރުފިޔާއަށްވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 19.7 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 78 ޕަސެންޓެވެ. ޓެކްސް އާމްދަނީގެ ތެރެއިން 10.4 ބިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިންނެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ އަދި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 5.3 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ހިލޭ އެހީގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.