ހެޔޮއެދޭ މީހުންގެ ފަރާތުން އަބްދުއްރަހީމަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ

އަވަސް

3 ސެޕްޓެމްބަރު 2025 | ބުދަ | 11:02

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހެޔޮއެދޭ މީހުންގެ ފަރާތުން މި އަހަރު ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އަބްދުއްރަހީމްގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް ހެޔޮ އެދޭ މީހުންގެ ފަރާތުން 958،982.48 ރުފިޔާ އޭނާއަށް ލިބުނެވެ. މިއީ މަޖިލީހުން ލިބުނު މުސާރައަށްވުރެވެސް ބޮޑު އަދަދެކެވެ. މާލީ ބަޔާނުގައިވާ ގޮތުން މުސާރައިގެ ގޮތުގައި އޭނާއަށް ލިބުނީ 658،894.95 ރުފިޔާ އެވެ. އަބްދުއްރަހީމަށް ވިޔަފާރި ނަފާ، ކުލި، އިންޓްރަސްޓް އަދި ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިދާ ނުލިބޭކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މާލީ ބަޔާނަށް ބަލާއިރު މި އަހަރުގެ ޖުލައި ދެވަނަ ދުވަހާ ހަމައަށް އަބްދުއްރަހީމްގެ ބޭންކް އެކައުންޓްގައި ހުރީ 101،698.21 ރުފިޔާ އެވެ. މީގެ އިތުރުން ރެހެންދި ފްލެޓުން ތިން ކޮޓަރީގެ އެޕާޓްމެންޓެއް 2017 ވަނަ އަހަރު ގަތީ ދިރިއުޅުމަށް އެއްކޮށްފައިވާ ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގެ އިތުރުން އަނބުރާ ދައްކާ ގޮތަށް ހެޔޮ އެދޭ ފަރާތްތަކުން ލޯނުގެ ގޮތުގައި ހޯދި ފައިސާ އިން ކަމަށް މާލީ ބަޔާނުގައިވެ އެވެ. އަބްދުއްރަހީމްގެ ނަމުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދަކާއި 67،000 ރުފިޔާގެ ސައިކަލެއް އޮތްކަން މާލީ ބަޔާނުން އެނގެ އެވެ.

މައުޟޫޢުތަށް