ޖަމްޝީދާއި އަހްމަދު މުހައްމަދު އަލުން ފުލުހުންގެ ވަޒީފާައަށް

އަވަސް

3 ސެޕްޓެމްބަރު 2025 | ބުދަ | 7:33

ޕޮލިސް ބޯޑުން ދީފައިވާ ލަފައާއި އެއްގޮތަށް ފުލުހުންގެ ވަޒީފާ އިން ވަކިކުރި އިސް ދެ އޮފިސަރަކަށް އަލުން ވަޒީފާ ދީފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު ވަޒީފާ އިން ވަކިކުރީ އޭރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. މި ދެ ބޭފުޅުން އަލުން ވަޒީފާ ހަމަޖެއްސީވެސް އެސިސްޓެންޓް ކޮމިޝަނާ ރޭންކުގައެވެ. މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދުގެ އިތުރުން އޭރު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި އޭރު ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދާއި އޭރި ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ޝަމީމްވެސް އޭރު ވަޒީފާ އިން ވަކިކުރަން ނިންމި އެވެ. އެކަމަކު އަބްދުﷲ ޝަރީފާއި މުހައްމަދު ދާއޫދާއި އިސްމާއިލް ޝަމީމް ވަކިކުރަން ނިންމި މައްސަލަ އެ ބޭފުޅުން ކޯޓަށް ހުށަހެޅުމުން އެ އޮފިސަރުން ވަޒީފާ އިން ވަކިކުރަން ނިންމި ނިންމި ތަންފީޒު ނުކުރަން ކޯޓުން އޭރު އެންގި އެވެ. އަދި ޖަމްޝީދާއި އަހްމަދު މުހައްމަދަށްވެސް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މި އަހަރުގެ ޖުލައި މަހު، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާ ކަމަށް ބުނެ ކޯޓުން ވަނީ މައްސަލަ ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.

މައުޟޫޢުތަށް