ވޯލްޑްކަޕް ކޮލިފައިންގައި އާރްމީނިއާ އަތުން ޕޯޗުގަލްއަށް ބޮޑު މޮޅެއް
އަވަސް
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:15
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން އާރްމީނިއާ އަތުން 5-0ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
މި މެޗު ކުޅެފައިވަނީ މިދިޔަ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި އެ ޓީމުގެ ފޯވާޑް ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންޑްރޭ ސިލްވާގެ ހަނދާން އާކުރުމުގެ ރޫހުގައި ކަމަށް ޕޯޗުގަލްގެ ކުޅުންތެރިންނާއި އޮފިޝަލުން ބުނެފައިވެ އެވެ. އާރްމީނިއާގެ ވެރިރަށް ޔެރެވަންގައި ހުންނަ ވަޒްގަން ސަރްގަސިއަން ރިޕަބްލިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗަކީ، ޖޮޓާ މަރުވި ހާދިސާއަށްފަހު ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ. ޖޮޓާ ވަނީ މިދިޔަ ޖޫން މަހު ޕޯޗުގަލްއާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ މަރުވީ އޭގެ އެއް މަސް ފަހުންނެވެ. މި ހިތާމަވެރި ހާދިސާގެ ހަނދާން އާކުރުމުގެ ގޮތުން، މެޗު ފެށުމުގެ ކުރިން އެއް މިނިޓްގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ. އަދި މެޗުގައި ލަނޑު ޖެހުމަށްފަހު ކުޅުންތެރިންގެ އުފާފާޅުކުރުންތަކުގައިވެސް ޖޮޓާގެ ހަނދާން އާކޮށްފައިވެ އެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާއާ އެކު ސައުދީގެ އަލް ނަސްރަށް ކުޅޭ ޖޮއާއޯ ފެލިކްސް ވަނީ މޮޅު ކުޅުމެއް ދައްކާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހާފަ އެވެ. ރޮނާލްޑޯ ޖެހި މި ދެ ގޯލާއެކު ގައުމީ ޓީމަށް އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު 140 އަށް އަރާފަ އެވެ. ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖަހާފައިވަނީ މޮޅު ޑިފެންޑަރެއް ކަމަށްވާ ޖޮއާއޯ ކަންސޭލޯ އެވެ. މެޗަށްފަހު ޕޯޗުގަލްގެ ލެފްޓް ބެކް ނޫނޯ ޓަވަރޭސް ބުނެފައިވަނީ މެޗުގެ ކުރިންވެސް ކުޅުންތެރިން ޖޮޓާގެ ވާހަކަތައް ދެއްކި ކަމަށާއި އަދި މެޗަށްފަހުވެސް އޭނާގެ ހަނދާންތައް އާކުރަމުން ދިޔަ ކަމަށެވެ. ޓަވަރޭސް ވަނީ ޖޮޓާގެ ހަނދާންތައް އަބަދުވެސް ކުޅުންތެރިންގެ ހިތްތަކުގައި ދެމިހުންނާނެ ކަމަށް ބުނެފަ އެވެ. މި މޮޅާއެކު ޕޯޗުގަލް ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އިތުރު ތިން ޕޮއިންޓް ހޯދާފަ އެވެ.