ބްރިޖުގެ ބައެއް މާދަމާ ބަންދުކުރަނީ

އަވަސް

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:00

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ ބައެއް ބަންދު ކުރަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލް އިން ބުނީ އެކްސަސައިޒް ކުރިއަށް ދިޔަ ނަމަވެސް އެއާޕޯޓުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އެކަމަކު އެކްސަސައިޒް ކުރިއަށްދާއިރު ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓް ކުރުމެވެ. އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ބާއްވަންޖެހޭ ހަރަކާތެކެވެ.

މައުޟޫޢުތަށް