ސަރުކާރަށް ހައްލު ކުރެވުނު ކަމެއް، ހޯދުނު ކުރިއެރުމެއް ނެތް: އަމީރު
އަވަސް
8 ސެޕްޓެމްބަރު 2025 | ހޯމަ | 10:10
މި ސަރުކާރަށް ހައްލު ކުރެވުނު ކަމެއް އަދި ހޯދުނު ކުރިއެރުމެއް ނެތް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އެއްވެސް ހާސްކަމެއް ނެތް ކަމަަށް ބުނެ ނަމަވެސް ތިބީ ކުރިއަށްދާނެ ގޮތް ނޭނގި ކަމަށެވެ. "އެއްވެސް ހާސްކަމެއް ނެތޭ، ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފަ. ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް،" އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކުވެސް، މާލީ އަދި އިގުތިސާދީ ސިޔާސަތު ގެންގޮސްފައި ވާނީ ޖުމްލަކޮށް ރަނގަޅަށް ކަމަށެވެ. އެ ގޮތުން 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު 33 ޕަސެންޓަށް ދަށަށް ދިޔަ އިގުތިސާދު 2021 ވަނަ އަހަރު 38 ޕަސެންޓަށް ކުރި އަރައި 2022 ވަނަ އަހަރު ކުރީ ކޮޅު އޮތީ ކޮވިޑް އައިއިރު އޮތް އިގުތިސާދަށް ވުރެ ބޮޑު އިގުތިސާދަކަށް ބަދަލުކޮށްފައިކަން ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިގުތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައްވެސް ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖުކުރުމުގެ އިތުރުން ރަށްރަށުގައި މަޝްރޫއުތައް ހިންގާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. "މި ދަތިތަކާއެކުވެސް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ނުކުރާ މަސައްކަތްތައް ރަށް ރަށުގައި އޮންނާނީ ހިންގާފަ،" އަމީރު ވިދާޅުވި އެވެ. އެ ގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި އެއާޕޯޓް މަޝްރޫއުތަކުގެ އިތުރުން ބަނދަރާއި ބިންހިއްކުމާއި ތިލަމާލެ ބްރިޖު މަޝްރޫއު ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ. ދައުލަތުގެ ޖުމްލަ ދަރަނި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު 148.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އޭގެ ތެރެއިން 56 ބިލިއަން ރުފިޔާއަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ދަރަނި ކަމަށް ބުނެ މި ސަރުކާރަށް ތާއީދުކުރާ ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކަށްވެސް އަމީރު ވަނީ ރައްދު ދެއްވާފަ އެވެ. އަމީރު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ދަށަށް ދިޔަ އިގުތިސާދާއެކު، އާމްދަނީ ދަށަށް ދިޔުމުން ދަރަނި ނަގަން ޖެހުނު ކަމަށެވެ. "ތިޔަ ފާހަގަ ކުރާ 56 ބިލިއަން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނި. ބާކީ 37 ބިލިއަން. އެވަރު ތި ބޭފުޅުންގެ ސަރުކާރުގެ ދެ އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ. ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ގައުމަކު ނެތް،" އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކުން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށް އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން ތައްޔާރުވެ ތިބެ ކަމަށެެވެ. "ވެރިކަން ބަދަލުވެގެން ދެން ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއް ކަމަށް ބަލައިގެން ނޫން މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ. އެހެންނަމަ ސިޔާސަތުތައް ބަދަލުވީސް،" އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ ދޮގުތަކުގެ ތަފުސީލު ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެހެންކަމުން މާލީ އިގުތިސާދީ ސިޔާސަތު ހިންގި ގޮތާއި ކާރިސާތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުނު ގޮތުގެ އިތުރުން ފައިސާ ޗާޕުކުރުމާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ރަނގަޅަށް ދައްކާލުމަށް ރައްޔިތުންގެ މަޖިލީހަށް ދައުވަތު ދިނުމަށް އެދިވަޑައިގެންނެވި އެވެ.