އއ. މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

އަވަސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 4:11

އއ. މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އއ. މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މުއިއްޒު މިދިޔަ މަހު ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރައްވާފަ އެވެ. އެ މަޝްރޫއަށް އިޝާރާތްކުރާ ރައީސް މުއިއްޒު ވިދާޅުވީ މި ޕިކްނިކް އައިލެންޑް ތަރައްޤީކުރާނީ މާފަރު ފަޅުގައި ކަމަށެވެ. ފެރިދޫއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުން ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް