އެމްޑީޕީން ވަކިވުމަކީ ފަސޭހަ ނިންމުމެއް ނޫން: މަހްލޫފް

އަވަސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 9:00

އެމްޑީޕީން ވަކިވެވަޑައިގަތުމަކީ ނިންމެވި ފަސޭހަ ނިންމެވުމެއް ނޫން ކަމަށް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންނެވި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުއްލި ގޮތަކަށް އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ 2015 ވަނަ އަހަރު އެމްޑީޕީއާ އެކު މަސައްކަތް ފެށީ އޭރު ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރު ދޫކޮށް ނުކުމެވަޑައިގަތުމަށްފަހު ކަމަށެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއް ވެގެން ގެނައި ވެރިކަމެއް ކަމަށްވާއިރު މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވަޒީރު ކަމަކީ ތަބަކަކަށް ލާފައި އޭނާއަށް ދިން މަގާމެއް ނޫން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ. "ސިޔާސީ ޕޯޑިއަމް އަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ ދެ އަހަރު ވީއެވެ. މިއަދުގެ ނިންމުމާއެކު މަރުޙަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާއާފަށް އެދެމެވެ. އެކަމަކު ގިނައިން ފާޑުކިޔާފައި ހުރިތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުންނެވެ،" އޭނާ ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ އިއްޔެ އޭނާ ރަނގަޅުވި މީހުންނަށް މިއަދު އޭނާ ގޯސްވެފައިވާ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް އަދި ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުންނެވި ލީޑަރެއްވެސް ނެތް ކަމަށެވެ. އެމްޑީޕީން ވަކިވުމަކީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ނަމަވެސް އެމްޑީޕީން ވަކިވީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަން އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށްވެސް ވިދާޅުވި އެވެ. "އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުހަބާ ކިޔުމާ އަދި މުހިއްމު ކަމުގެ އިހުސާސަށް ވުރެ ވަކި އިތުރަށް އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ،" މަހުލޫފް ވިދާޅުވި އެވެ.

މައުޟޫޢުތަށް