ހަރަދުތައް ހަމަޖައްސަން 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

އަވަސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:20

ހަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ. މީގެ ތެރޭގައި އޮކްޓޫބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 190 މިލިއަން ރުފިޔާގެ ޓީބިލަކާއި ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 204.04 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ މާޗް ނުވަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 170 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 719.47 މިލިއަން ރުފިޔާގެ ޓިބިލެއް ހިމެނެ އެވެ. ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

މައުޟޫޢުތަށް