ގަތަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
އަވަސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 8:18
ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އިޒްރޭލުގެ ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު އަދި ކަނޑައެޅިގެން ގަތަރުގެ ސިޔާދަތާއި ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ދިވެހިރާއްޖެ ދެމިއޮތީ ގަތަރާ އެކުގައި ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. ރައީސް މުއިއްޒު ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ގަވައިދުތަކާ ޚިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫހެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ގޮވާލައްވާފަ އެވެ. އިޒުރޭލުން ގަތަރަށް ހަމަލާ ދިނީ އެ ގައުމުގައި ދިރިއުޅޭ ހަމާސްގެ އިސް ބޭފުޅުން ދިރިއުޅުއްވާ ތަންތަނަށް އަމާޒުކޮށެވެ. މިހަމަލާގައި ބަޔަކުވި މަރުވިޔަސް އެކަމުގެ ތަފްސީލްތައް އަދިވެސް މުޅިން ސާފެއް ނުވެ އެވެ.