މާލޭގެ ކަނޑުތޮށި މަރާމާތުކުރަން ޖައިކާއިން ބޮޑު އެހީއެއް ދީފި
އަވަސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 10:40
ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާ ދެމެދު މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއު (އިމާރާތްކުރުމުގެ މަރުހަލާ)ގެ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ޓަކި މޮޓޮއޯ އެވެ. މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ލިބޭނެ އެވެ. މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ އެވެ. މި އެހީގެ އެއްބަސްވުމަކީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަގުސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިގްތިސާދީ ހަރަކާތްތަކާއި މުޖުތަމައުގެ ރައްކާތެރިކަން ހަރުދަނާ ކުރުން ކަމަށެވެ. މި ރަސްމިއްޔާތުގައި މރ. ޓަކި މޮޓޮއޯ ވިދާޅުވީ މި މަޝްރޫއަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއް ކަމަށެވެ. އަދި 1988 އިން 2006 އަށް ކުރިއަށް ގެންދިޔަ ކަނޑުތޮށިލުމުގެ މަޝްރޫއުގެ ސަބަބުން، 2004 ވަނަ އަހަރުގެ ޑިސެންބަރުގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ. މިމަޝްރޫއުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ހާއްސަ ނިޒާމުތައް ތައާރަފްކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެ ކަމުގައިވެސް މޮޓޮއޯ ވިދާޅުވި އެވެ. މިރާސް ވިދާޅުވީ މި މަޝްރޫއަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުހިއްމު ރައްކާތެރިކަމެއް ލިބި، އެމީހުންގެ ސަލާމަތްތެރިކަމާއި ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.