ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން މާލީ އެހީއެއް
އަވަސް
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:06
ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. "އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ވަނީ ނިންމާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. "އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިކަމަށް ޤާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.