ކުރީގެ ރައީސުންގެ ޕެންޝަން ކުޑަކުރަން ނަޝީދު ތާއީދު

އަވަސް

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:00

ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފި އެވެ.

ކުރީގެ ރައީސުންގެ ޕެންޝަންގެ މައްސަލައިގައި ނަޝީދު ވާހަކަދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ވަގުތެއްގައެވެ. ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000 ރުފިޔާ މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާއާއި އޮފީސް ހިންގުމުގެ ހަރަދަށްވެސް 175،000 ރުފިޔާ ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000 ރުފިޔާ ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

މައުޟޫޢުތަށް