ސްޓޫޑެންޓް ލޯނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފި

އަވަސް

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:13

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.06 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މި ސްކީމްގެ ދަށުން މި އަހަރު 365.27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން 560 ދަރިވަރުންނާއި އަންހެން 666 ދަރިވަރުންނެވެ. އެ މިނިސްޓްރީން ބުނީ މި އަހަރު ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ފިރިހެން 153 ދަރިވަރުންނާއި އަންހެން 243 ދަރިވަރުން ހިމެނެ އެވެ. މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިއަން ރުފިޔާ އާއި ފަސްޓް ޑިގްރީ ސްކީމްގެ ދަށުން 267 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް