އޭލެވެލްގެ ކިޔެވުން ފަށައިފި
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:53
އޭލެވެލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އޭލެވެލްގެ ކިޔެވުން ފަށާފައިވަނީ 3،200 ދަރިވަރުންނާއެކުގަ އެވެ. އޯލެވެލްގެ ކިޔެވުން ފެށުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދެއްވި މެސެޖުގައި ވަނީ ގަދަ އަޅާ ކިޔެވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. "މަތީ ސާނަވީ މަރުހަލާ، މިއަދު ތި ކުދިން މި ފެއްޓި މަރުހަލާގެ ތައުލީމަކީ ދިރިއުޅުމަށް ތިޔަ ކުދިން ނެރުމަށްޓަކައި މަދުރަސީ ތައުލީމީ ނިޒާމުގެ އެންމެފަހު މަރުހަލާ،" ޝަފީއު ވިދާޅުވި އެވެ. ޔުނިވާސިޓީއަކަށް ކިޔަވަން ދިއުމުގެ ކުރިން ނުވަތަ ކުންފުންޏެއްގެ ވަޒީފާ އަދި އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން މި މަރުހަލާގައި ދަރިވަރުންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރުތަކަށްވުރެ މި އަހަރު އިތުރުވެފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ކުރިން އޭލެވެލް ކިޔަވައި ދިން ސްކޫލުތަކުގެ އިތުރަށް މި އަހަރު މުޅިން އަލަށް 13 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.