ބޭސް އެތެރެކުރާ ކުންފުނީގެ އެމްޑީއަކަށް ޝާހު ހަމަޖައްސައިފި

އަވަސް

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:00

ބޭސް އުފެއްދުމަށް ހާއްސަކޮށްގެން މިދިޔަ ހަފްތާގައި އުފެއްދި ކުންފުނި -- ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މި މަގާމަށް ހަމަޖައްސާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ގުރޫޕްގެ ޑެޕިއުޓީ ސީއީއޯ ޝާހް މާހިރު އެވެ. ބޭސް ކުންފުނީގެ ބޯޑު މެމްބަރު ކަމަށްވެސް ދެ ބޭފުޅަކު މިއަދު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އައްޔަންކޮށްފައިވަނީ އައިޝަތު މުހައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މިމަހުގެ ނުވަވަނަ ދުވަހު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެ ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

މައުޟޫޢުތަށް