މެންބަރުން ޓައީ އެޅުއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންފި
އަވަސް
15 ސެޕްޓެމްބަރު 2025 | ހޯމަ | 9:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ރަސްމީކޮށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
އަބްދުއްރަހީމް މިކަމަށް އެދިވަޑައިގަތީ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާއަށް މަޖިލީހުގެ ބައެއް މެންބަރުން ޓައީ ނާޅުއްވާ ވަޑައިގަތުމުންނެވެ. "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަސްމީ މަސައްކަތުގެ ގަޑި. އެ ގަޑީގައި އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ ރަސްމީ ހެދުންކޮޅުގައި. އެހެންވީމަ ރަސްމީ ހެދުން އަޅުގަނޑުމެން މި މާނަ ކުރަނީ ޓައީއާ އެކީގައިވީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބައެއް މެންބަރުން ވަޑައިގެންނެވީ ޓައީ ނާޅުއްވާކަން ފާހަގަކުރައްވާ އެގޮތަށް އަމަލު ނުކުރެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ. "އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާތް ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމު ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ. އެއީ މިހާތަނަށް މަޖިލީހުގައި އަމަލުކުރަމުން އައި އުސޫލު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.