ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ލީގުގެ ދެވަނައަށް

އަވަސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 8:00

ސްޕެނިޝް ލީގުގެ މެޗުގައި ފާއިތުވި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ބާސެލޯނާ އިން ވެލެންސިއާ ބޮޑު ތަފާތަކުން ބަލިކޮށް ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.

މި މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 6-0ގެ ބޮޑު ނަތީޖާއަކުންނެވެ. ވެލެންސިއާއާ ދެކޮޅަށް ކުޅުނު މި މެޗުގައި، ބާސެލޯނާ އަށް ނުކުޅެވުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ލަމީން ޔަމާލް ހިމެނެ އެވެ. އޭނާ އަށް މެޗު ގެއްލުނީ އަނިޔާއެއްގެ ސަބަބުންނެވެ. މީގެ އިތުރުން، އެންމެ ފަހުން ބޭއްވި ޓްރެއިނިން ސެޝަންއަށް ސަބަބު ނެތި ލަސްވުމުގެ ސަބަބުން، ތަރި ކުޅުންތެރިޔާ ރަފީނިއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އޭނާ ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނިޓްގައި ޖަހައިދިނީ ފާމިން ލޮޕޭޒް އެވެ. މި ގޯލާ އެކު ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ބާސެލޯނާ އިން، ދެވަނަ ހާފަށް ނުކުތީ ބޮޑު ބަދަލަކާ އެކު އެވެ. ރޫނީ ބާދްޖީގެ ބަދަލުގައި ރަފީނިއާ ކުޅެން އަރުވައިގެން، ބާސެލޯނާގެ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. ދެވަނަ ހާފު ފަށައިގެން އަށް ވަނަ މިނިޓްގައި، ރަފީނިއާ ވަނީ ބާސެލޯނާގެ ލީޑު އިތުރަށް ބޮޑުކޮށްދީފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ފާމިން ލޮޕޭޒް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި، ބާސެލޯނާ އަށް ތިންވަނަ ލަނޑު ހޯދައިދީފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ރަފީނިއާ އޭނާގެ ދެވަނަ ގޯލު ޖަހައި ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، މެޗުގައި ބާސެލޯނާ ކާމިޔާބުކުރި ފަހު ދެ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި ބޮޑު މޮޅާއެކު، ބާސެލޯނާ ވަނީ ލީގުގެ ތާވަލުގެ ދެވަނަ މަގާމަށް ޖެހިލާފަ އެވެ. ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ބާސެލޯނާ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތީ ސީޒަން ފެށުނީއްސުރެ ފުރިހަމަ ރެކޯޑަކާ އެކު، ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑް އެވެ.

މައުޟޫޢުތަށް