މީޑިއާ ބިލްގައި މައްސަލަތައް އެބަހުރި، އިސްލާހުކުރަން ވަގުތު ދޭންޖެހޭ: ބާ ކައުންސިލް

އަވަސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 11:35

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލުން ބުނެފި އެވެ.

އެކްސްގައި ކުރި މިރޭ ކުރި ޕޯސްޓެއްގައި ބާ ކައުންސިލުން ބުނީ މީޑިއާ ރެގިއުލޭޓުކުރާ ބިލްގައި ހުރި މައްސަލަތަކާ ގުޅިގެން އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. ބާ ކައުންސިލުން ބުނީ މީޑިއާ ބިލަކީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ބިލެއް ކަމަށެވެ. މީޑިއާ ބިލް ގާނޫނަކަށް ހެދުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން އެ ބިލްގެ މަސްލަހަތު ހުރި މީހުންނާ މަޝްވަރާކޮށް އާންމުންގެ ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ ރާއްޖޭގެ ނޫސްވެރިން ގެންދަނީ އެ ބިލާ ދެކޮޅަށް ވަރަށް ބޮޑަށް އިހްތިޖާޖުކުރަމުންނެވެ. އެކަމަކު ބިލް ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ އެ ބިލް ފާސްކޮށްފަ އެވެ. މަޖިލީހުގެ ދައުރުން ބޭރުގައި މާދަމާ ބާއްވާ ޖަލްސާގައި މި ބިލާ މެދު ގޮތެއް ނިމިގެންދާނެ އެވެ.

މައުޟޫޢުތަށް