މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި
އަވަސް
15 ސެޕްޓެމްބަރު 2025 | ހޯމަ | 5:55
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ފާސްކޮށްފި އެވެ.
މީޑިއާ ބިލް، ކޮމިޓީން މިއަދު ފާސްކޮށްފައި މިވަނީ މި ބިލްގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ބިލް ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައި ޕެޓިޝަނަށްވެސް ބެލުމެއް ނެތި އެވެ. ޕެޓިޝަން ކޮމިޓީން މިއަދު ނިންމާފައި އޮތީ ނޫސްވެރިންގެ ޕެޓިޝަނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޮތެއް ނިންމުމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު މީޑިއާ ބިލް ފާސްކުރަން ހުށަހެޅީ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި އެ ނޫން ބައެއް އިސްލާހުތަކާ އެކު އެވެ. ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އެގޮތަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި ބައެއް ނޫސްވެރިން ވަނީ އިހްތިޖާޖު ކުރަން ފަށާފަ އެވެ. އެހެންވެ އިރުކޮޅަކަށް ކޮމިޓީ މެދުކަނޑާލުމަށްފަހު އަލުން ކޮމިޓީ ފެށުމަށްފަހު ރިޒާ ވަނީ މީޑިއާ ބިލް ކޮމިޓީގެ އިއްތިފާގުން ފާސްވެފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ.
ކޮމިޓީ އަލުން ފެށިއިރު އެ ކޮމިޓީއަށް ނޫސްވެރިން ނުވައްދަ އެވެ. އަދި ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ދެވަނަ ފަހަރަށް ކޮމިޓީއަށް ވަދެވަޑައިގެންނެވިއިރު ކޮމިޓީން ވަނީ ނިންމާލާފަ އެވެ. ކޮމިޓީގެ ބައެއް ބައްދަލުވުންތައް ސިއްރުކޮށްފައިވާތީއާއި ކޮމިޓީން ފާސްކުރި ބިލް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައި ނުވާތީ ކޮމިޓީން ބިލަށް ގެނައި އިސްލާހުތައް ސާފެއް ނުވެ އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރު އެވެ. ހަންނާން މަޖިލީހުގައި މަސައްކަތް ކުރައްވަނީ ވަރަށް ބޮޑަށް ސަރުކާރާ ގުޅިގެންނެވެ.