ރާއްޖެ އިންޑިއާ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން 60 ގަސް އިންދައިފި
އަވަސް
16 ސެޕްޓެމްބަރު 2025 | އަންގާރަ | 9:00
ދިވެހިރާއްޖެ އާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާ ގުޅިގެން، ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވި އެވެެ. މީގެ އިތުރުން ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ބައިވެރިވި އެވެ. މި ހަރަކާތަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ. މީގެ އިތުރުން މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށް ގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެކެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި ހުޅުމާލެއަކީ ފެހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.