އެމްއެމްސީ އާއި ބްރޯޑްކޮމްއަށް މީޑިއާތަކުން އިތުބާރު ނުކުރޭ: އިބްރާހީމް ވަހީދު

އަވަސް

17 ސެޕްޓެމްބަރު 2025 | ބުދަ | 9:21

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މީޑިއާތަކުން އިތުބާރު ނުކުރާ ކަމަށް މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ އެމްއެމްސީ އާއި ބްރޯޑްކޮމްއަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން ކަމަށެވެ. "މިހާރުވެސް އައްސަވާ ޓީވީ ޗެނަލެއްގެ ވެރިއެއް ކައިރި އައްސަވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ކުރަންހޭ. ވިދާޅުވާނެ އިތުބާރު ނުކުރަމޭ. ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން އިތުބާރެއް ނުކުރޭ. އޮންލައިން މީޑިއާކުރެން އައްސަވާ މީޑިއާ ކައުންސިލަށް އިތުބާރު ކުރަންހޭ. އެތަނުގައި ރަނގަޅު ސިސްޓަމެއް ނެތޭ މައްސަލައެއް ނުބެލެޔޭ ބުނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. މި ބިލްގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ހިމަނާފަ އެވެ. އެ ގޮތުން އުފައްދާ ކޮމިޝަނަށް މީޑިއާތަކުން ހަތަރު މެންބަރުން އަދި އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރަން ވަނީ ބިލްގައި ހިމަނާފަ އެވެ.

މައުޟޫޢުތަށް