މީޑިއާ ބިލް ތަސްދީގު ނުކުރަން އެދިއްޖެ
އަވަސް
17 ސެޕްޓެމްބަރު 2025 | ބުދަ | 8:30
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ތަސްދީގު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސް ކުރައްވައި ސިޓީއެއް ފޮނުވައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރު އެވެ. ހަންނާން މަޖިލީހުގައި މަސައްކަތް ކުރައްވަނީ ވަރަށް ބޮޑަށް ސަރުކާރާ ގުޅިގެންނެވެ. މީޑިއާ ބިލް މަޖިލީހުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. މަޖިލީހުން މީޑިއާ ބިލް ފާސްކޮށްފައިވަނީ އެ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބޭ ކަމަށް ބުނެ ނޫސްވެރިން ހުއްޓާނުލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއެކު ވެސް މަޖިލީހުން ބިލް ފާސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެއް ނެތި ބިލު ފާސްކޮށްފައިވާތީ ބިލް ތަސްދީގު ނުކުރެއްވުމަށް އެދި ރައީސް މުއިއްޒަށް ސިޓީފުޅެއް ފޮނުވާފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. އެމްއެމްސީން ބުނީ މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭނަމަ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށާއި އަދި ގައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ފެށުނީއްސުރެ އެދިފައިވާނެ ކަމަށެވެ. ނަމަވެސް މަޖިިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތަށް ކުރިއަށް ގެންދިޔުމަކީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ. މި ބިލު ގާނޫނަކަށް ވެއްޖެނަމަ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްކުރުމުގެ ފުރުސަތުވެސް ފަހިވެެގެންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަހުގީގީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން ހުއްޓުވުމަށް ބާރު ލިބިގެންދާއިރު އޭގެ ސަބަބުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.