ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކޮށްފި
އަވަސް
17 ސެޕްޓެމްބަރު 2025 | ބުދަ | 11:50
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކޮށްފި އެވެ.
މިދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ދެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ސިއްހީ ހިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިން ސޮފްޓްވެއަ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާހްކޮށްފަ އެވެ. މި ލައިސެންސިން ސޮފްޓްވެއަ، އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. މިރަސްމިއްޔާތުގައި ވަނީ ދިވެހިރާއްޖޭގައި ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އެކަމަނާ ވަނީ އިފްތިތާހްކޮށްދެއްވާފަ އެވެ. މިއީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މިރަސްމިއްޔާތުގައި ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާ ގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔަ އެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހާ ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ ''އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު'' މިއެވެ. މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.