މަޝްއަރު ގުރޫޕްގެ ވެރިޔާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
އަވަސް
17 ސެޕްޓެމްބަރު 2025 | ބުދަ | 5:00
މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުލަތުން ދައުވާ އުފުލި އެ ކުންފުނީގެ ވެރިޔާ މ. ހަވީރީފިނި އަލީ ފާރިޝްގެ މައްޗަށް ބައެއް ދައުވާތަކުގެ ކުށް ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ޓެކުމުގެ ކުށުގެ ހަ ދައުވާއަކާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް އުފުލާފަ އެވެ. ޓެކުމުގެ ދައުވާތަކެއް ފާރިޝްގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް މިދިޔަ އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނިން އުމްރާއަށް މީހުން ގެންދާ ކަމަށް ބުނެ ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީއާއި އެ ފައިސާ އަނބުރާ ރައްދުކޮށްދީފައި ނުވާތީ އެވެ. މި ދައުވާތައް ކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުންވެސް ހިމެނެ އެވެ. އަލީ ފާރިޝްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވަނީ އުމްރާއަށް މީހުން ގެންދަން ކަމަށް ބުނެ ޓެކުމަކުން އެމީހުން އަތުން ފައިސާ ނިގުޅައިގަނެ، އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއަ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީ އެވެ. ދައުވާތަކުގައިވާ ގޮތުން ފާރިޝް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާއާއި، 8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ. ޢަލީ ފާރިޝް ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ 391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ. ދައުވަތަކާ ގުޅިގެން ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްގައިވެ އެވެ. އަދި ދައުވާގައި ބަޔާންކުރާ މުއާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321 ރުފިޔާ އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް ހުކުމްގައި އަމުރުކޮށްފައިވެ އެވެ. އުމްރާއަށް މީހުން ގެންގޮސް ގިނަ ބަޔަކު ސައުދީގައި ތާށިވި މައްސަލައާ ގުޅިގެން އޭރު އެ ގްރޫޕުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.