ފަލާހް، ހުޅުމާލެއިން 28 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި
އަވަސް
17 ސެޕްޓެމްބަރު 2025 | ބުދަ | 7:00
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.
ފަލާހް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބައްލަވައިގެންފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 3،250 އަކަފޫޓުގެ ބިމެކެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލާހް ބިން ވިއްކީ 26.6 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. ހުކުމްގައިވާ ގޮތުން ފަލާހް ބިން ގަނެފައިވަނީ ބިމުގެ އަގު އެއްފަހަރާ ދައްކާ ހަލާސްކޮށްގެންނެވެ. އެހެންވެ އޭނާއަށް އެ ބިން މިލްކުވެފައިވާ ކަމަށް ހުކުމްކޮށްފައިވެ އެވެ. ފަލާހްގެ ނަމުގައި ހުޅުމާލޭގެ އިތުރުން މާލެ އާއި ރ. އިންނަމާދޫގައިވެސް ބިންތަކެއް އެބަހުއްޓެވެ. ފަލާހްގެ މާލީ ބަޔާން އާންމުކުރުމުން އެ ބަޔާނަށް ހަބަރު ހެދުމުން ފަލާހް އެ ދުވަސްވަރު ވިދާޅުވީ އޭނާގެ ނަމުގައި އަދިވެސް އިތުރު ބިން ރަޖިސްޓަރީ ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރު އޭނާގެ މާލިއްޔަތު މިހާރަށް ވުރެ ވެސް ބޮޑު ވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.