ނެޝަނަލް ސާވިސްގެ ތަމްރީންތަކަށް ފުރި ޒުވާނުންނަށް ރައީސްގެ މަރުހަބާ
އަވަސް
17 ސެޕްޓެމްބަރު 2025 | ބުދަ | 11:55
ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީންތަކަށް މިއަދު ފުރާފައިވާ ޒުވާނުންނާއި އެ ޒުވާނުންގެ ބެލެނިވެރިންނާއި އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރްހަބާ ދަންނަވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތަށް ކުރިމަތިލުމަށް ހުޅުވާލުމުން 1،242 ޒުވާނުން ކުރިމަތިލެއްވި ކަމަށެވެ. މީގެތެރެއިން ފުރަތަމަ ބުރުގެ ތަމްރީންތަކަށް 343 ޒުވާނުން މިއަދު ފުރާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ދިވެހި ވަތަނީ ހިދުމަތުގެ މަގުސަދުތަކާއި ހާސިލްކުރަން ބޭނުންވާ ކަންކަންވެސް ހިއްސާކުރައްވާފަ އެވެ. އެއީ:-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނެޝަނަލް ސާވިސް ޕްރޮގްރާމު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އެ ދުވަހު ވިދާޅުވީ މި ޕްރޮގްރާމު ހިންގުމަށްޓަކައި މިއަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމަނާނެ ކަމަށެވެ. "މިއަދަދަކީ އަޅުގަނޑު މިކަމަށް ކުރާނެ ހަރަދުތައް ބަލައި އަދަދު ޖަހާފައިވާ އަދަދެއް،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ޕްރޮގްރާމު ސަބަބުން ސިފައިންގެއަށް އަހަރަކު 1،000 ކުދިން އަދި ފުލުހުންގެ އިދާރާއަށް އަހަރަކު 250 ކުދިންގެ މަގުން ކުރިއަށް އޮތް ހަތަރު އަހަރު އެ ދެ އިދާރާއަށް ޖުމްލަ 5،000 މީހުން ރެކްރޫޓް ކުރާނެ ކަމަށެވެ. "މިފަދަ އަސްކަރީ ތަމްރީން ލިބުމަކީ ރަނގަޅު ވަޒީފާ ލިބި އެ ކުދިންނަށާއި ސިފައިންނަށްވެސް އަދި ގައުމަށްވެސް ލިބޭނެ ކުރިއެރުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. މިޕްރޮގްރާމުގެ އިދާރީ ކަންކަން ފެށުމުގެ ގޮތުން ރައީސް އޮފީހުގައި ހާއްސަ ސެކްޝަނެއް ހަދައި އެތަނަށް މީހުން ހޯދަންވެސް މިއަހަރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ރައީސް އޮފީހުގައި މުޅިން އަލަށް ގާއިމުކުރި ނެޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާން ކުރި އެވެ.