އެންޓި-ސްކޭމް ސެންޓަރުން 2.5 މިލިއަން ރުފިޔާ ހޯދައިފި

އަވަސް

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:02

އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި އެވެ.

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ގުޅިގެން އެންޓި-ސްކޭމް ސެންޓަރު ގާއިމުކުރީ މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. ފުލުހުން އިއްޔެ ބުނީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1،059 މައްސަލަ ރިޕޯޓް ކުރެވުނު ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަށާއި އެގޮތުން އެފަދަ 491 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ އާއި އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލަ އާއި އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލައިގެ އިތުރުންވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މި މައްސަލަތަކުގައި 11 މިލިއަން ދިވެހި ރުފިޔާ އާއި 138،060 އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ. މީގެ ތެރެއިން 2.5 މިލިއަން ރުފިޔާ އާއި ބައެއް ޑޮލަރު ތަހުގީގެ ތެރެއިން އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށާއި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭ ކަމަށެވެ.

މައުޟޫޢުތަށް