މީޑިއާ ބިލް ތަސްދީގު ކުރައްވައިފި

އަވަސް

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:58

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރު އެވެ. ހަންނާން މަޖިލީހުގައި މަސައްކަތް ކުރައްވަނީ ވަރަށް ބޮޑަށް ސަރުކާރާ ގުޅިގެންނެވެ. މީޑިއާ ބިލް މަޖިލީހުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ. އެހެންވެ މިއަދުން ފެށިގެން ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލް" އާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" އުވި އެ ތަންތަނުގެ މަސައްކަތްތައް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އަށް ބަދަލުވީ އެވެ. މީޑިއާ ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މަޖިލީހުން މީޑިއާ ބިލް ފާސްކޮށްފައި މިވަނީ އެ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބޭ ކަމަށް ބުނެ ނޫސްވެރިން ހުއްޓާނުލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމުގައި ހިއްސާކުރުމަށް އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން އަމަލުކުރައްވަމުން ގެންދެވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ބުނެ ވޯޓު ގަޑީގެ ކުރިން އެމްޑީޕީގެ ގިނަ މެންބަރުންގެ ނަން އިއްވާ މަޖިލީހުން ބޭރުކުރި އެވެ. މީޑިއާ ބިލް މަޖިލީހުން ފާސްކުރީ ސަރުކާރުގެ ފަރާތުން ބަންޑާރަނައިބް ހުށަހެޅުއްވި ބައެއް އިސްލާހުތަކާ އެކު އެވެ.

މައުޟޫޢުތަށް