ނުހައްގުން ފްލެޓް ދިން ކަމަށް ބަލައި ހަތަރު ބޭފުޅަކަށް ދައުވާ

އަވަސް

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:18

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ދިނުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ކަނޑައަޅައި ހައުސިން މިނިސްޓްރީގެ އޭރުގެ އިސްވެރިންތަކަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހައުސިން މިނިސްޓްރީން ޖޫން 27، 2022 ވަނަ ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި އިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު"އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ހަތަރު ބޭފުޅަކަށް ދައުވާ ކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެބައިތައް އެކަށީގެންވާ ވަރަށް ތަހުގީގުކޮށް ނިމުމުން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް