ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

އަވަސް

19 ސެޕްޓެމްބަރު 2025 | ހުކުރު | 11:20

ރަޝިޔާގެ އިރުމަތީ ސަރަހައްދަށް މިރޭ 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، އެ ސަރަހައްދަށް ސުނާމީގެ ނުރައްކާ އޮތްކަމުގެ އިންޒާރު ނެރެފި އެވެ.

މި ބިންހެލުމާ ގުޅިގެން ކަނޑުގެ އައްސޭރިފަށުގައި ނުރައްކާތެރި ރާޅުތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 128 ކިލޯމީޓަރު ދުރަށެވެ. އަދި ބިންހެލުން އައިސްފައި ވަނީ ބިމުގެ އަޑިން 10 ކިލޯމީޓަރުގަ އެވެ. ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ވަނީ ކަނޑުގެ އައްސޭރިފަށުގައި ނުރައްކާތެރި ރާޅުތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ. ހަމަ އެހެންމެ، ބިންހެލުމާ ގުޅިގެން އެލަސްކާގެ ހުޅަނގު އައްޔޫޓިއަން އައިލެންޑްސް އަށް ސުނާމީ އެޑްވައިޒަރީއެއް ވަނީ ނެރެފަ އެވެ. ނަމަވެސް، އެމެރިކާ އާއި ކެނެޑާގެ އެއްވެސް ސަރަހައްދަކަށް މިހާތަނަށް ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް ރަޝިއާގެ ބައެއް ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުންތައް އައިސްފައިވެ އެވެ. އޭރު އެގައުމުގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އައްސޭރި ފަށުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އަސަރުކޮށްފައިވެ އެވެ. އެފަހަރު އައީ 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

މައުޟޫޢުތަށް