ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
އަވަސް
19 ސެޕްޓެމްބަރު 2025 | ހުކުރު | 3:54
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި އެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މި މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ. ގައުމީ ޤުރުއާން މުބާރާތުގައި މިއަހަރު ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ގޮތުގައި ބައިވެރިވި މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މި މުބާރާތުގައި ހާފިޒުންގެ ބައިގައި 31 މީހަކު ބައިވެރިވެފައިވެ އެވެ. ފާއިތުވެ ދިތަ އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ހާފިޒުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ ސަލާމްން ރަސްގެފާނު މިސްކިތުގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހަތަރުވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.